ދިވެހިރާއްޖެ މިއޮތީ 'ގުރުޑު' ވެފަ.
- Ahmed Fahud
- Mar 9
- 4 min read

ހަމަ ހަގީގަތުގަވެސް، ދިވެހިރާއްޖެ މިއޮތީ ގުރުޑުވެފައެވެ. ހަމަގައިމުވެސް އިގުތިސާދުގެ ނަންބަރުތައް ދައްކަނީ ގުރުޑޫވެފައި އޮތް ކަމަށެވެ.މިހެން ބުނަންވެސް ވަރަށް އުނދަގުލެވެ. ހިތައް ދައްޗެވެ. އަކަމު ހަގީގަތަކީ އެއީއެވެ.
މާޔޫސް ނުވާށެވެ. ހައްލުވެސް އެބައޮތެވެ. މިވާހަކަ މިހާ ދިލަ އަރާ ގޮތަކަށް މިދެއްކީވެސް އެހެންވެގެންނެވެ. ކެރިގެން ހިތްވަރެއް ކޮށްލައިފިނަމަ، ކުރިއަށްއޮތް، ދިހައެއް - ބާރަވަރަކަށް އަހަރުތެރޭ މީތި އަނބުރާލަލެވިދާނެއެވެ.ވާން މިޖެހޭ ގޮތަކީ، ދެފުންފެންނަ، ރައްޔިތުންގެ ފުރިހަމަ ބައިވެރި ވުމާއި އިލްމީ ހޯދުންތަކާއި ދިރާސަތަކުގެ މައްޗައް ބިނާކުރެވިފައިވާ، މަންހަޖްތަކާއި އުނގަންނައި ދިނުމުގެ އުކުޅުތަކާއި އެކު ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނަންވީއެވެ. ތައުލީމީ އެދުރުންތަކެއް ބިނާކުރަންވީ އެވެ. ގައުމު އާރާސްތުކުރަން މިއަށްވުރެ މުހިންމު 'އިންވެސްޓުމެންޓެއް' އޮތްކަމަކަށް މަށަކު ގަބޫލެއް ނުކުރަމެވެ. ބާކީ ހުރިކަންކަމަކީ ދުނިޔަވީ މާއްދީ ދަޅަ ދެއްކުންތަކެވެ. މާފު ކުރާށެވެ. މިހެން މިބުނީ ކީއްވެކަން ވެސް ބުނެލަ ދޭން ބޭނުމެވެ.
އިގްތިސާދުގެ 'ނަންބަރުތައް' ދައްކަނީ ކޮންއެއްޗެއް؟
ދިވެހިރާއްޖޭގެ އިގްތިސާދުގެ ހާލަތާއި މެދު އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) 2025 ގެ ރާއްޖޭގެ "އާޓިކަލް iv" މިޝަން އަށް ފަހު އާންމުކުރި ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުންނަމަ، ދިވެހި ރާއްޖޭގެ ދަރަނި ހުރީ ވަރަށް ވެސް ކަންބޮޑުވާން ޖެހޭ ހިސާބެއްގައެވެ. އަދިމިކަންކަމުން އަރައިގަތުމަށްޓަކައި އިގްތިސާދު ފުޅާކުރުމާއި ހުނަރުތައް ތަރައްގީ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމެވެ. ހަކި ހިފާވަރުގެ ދުރުރާސްތާ ޕްލޭނެއް ނެތި، ޒަމާނުއްސުރެ ދަރަނި އަރަމުން އަރަމުން އައިސް މިހާރު ދިވެހިރާއްޖޭގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެއެވެ. މީކީ ހަމަގައިމުވެސް ފުއްދުންތެރި މުޖުތަމައުއެއްގެ ވިކުރާގައި އިންނަން ވާނެ ކަހަލަ އަދަދެއް ނޫނެވެ. އަދިވެސް އެއްފަހަރު ކިޔާލާށެވެ.
' ރާއްޖޭގެ ދަރަނި މިހާރު ހުރީ ސަތޭކަ ވިހި ބިލިއަންގަ '
މިހާލަތުން އަރައިގަތުމަށް ވަރަށްވެސް ހަލުވިދުވެއްޔެއްގައި، ރާއްޖޭގެ އާމްދަނީ އިތުރުކުރެވޭނޭ އިތުރު ސިނާއަތްތަކާއި މަގުތައް ހުޅުވެންޖެހެއެވެ. އަދި ދެމެހެއްޓެނިވިގޮތެއްގައި ވިޔަފާރި ކުރެވޭނޭ މާހައުލެއް ގާއިމުކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަން 'މަޖުބޫރު' ވެގަންނަން އެބަޖެހެއެވެ. ދައުލަތުގެ އިތުރުން ވަކިވަކި ފަރުދުންގެވެސް ހަރަދުތައް ކުޑަކޮށް، އިސްރާފުތައް ކުޑަކުރުމަށް ހިކުމަތްތެރި އަދި ރޭވުންތެރި، ކުރުރާސްތާ، މެދުރާސްތާ އަދި ދިގުރާސްތާ ފިޔަވަޅުތަކެއް އަޅަން ދިވެހިންނަށް ލާޒިމުވެއްޖެއެވެ.
މި ބުނެދެވުނު ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫނެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރަށް ބަލައިލައިފި ނަމަވެސް ހަމަ އެކި ރާގު ރާގަށް، އެކި މުނާސަބަތުތަކުގަ، އެކި ކުލަކުލައިގައި، އެކި އެކި 'ވަރޝަން' ނަންބަރު ތަކުގަ، މިވާޙަކަތައް ވަނީ ދެކެވިގެން ގޮސްފައެވެ.
ސުވާލަކީ ނުވެގެން މިއުޅެނީ ކީއްވެގެންހޭ؟ ނޫންތަ؟
ކުރުއަތްމައްޗައް އޮވެ ވިސްނާލާއިރު ޖެހިގެން މިއުޅެނީ މުޅިއަކުން ފައިސާގެ މައްސަލަ އެކަންޏެއްވެސްނޫނެވެ. ހަދަންވީ ގޮތާ، ހަދާނެ ގޮތް ވެސް ވަރަށް ސާފެވެ. މަހިތުން ވެގެން މިއުޅޭ ގޮތަކީ، ކަންކަން މޮޅަށް ރާވާނޭ މީހުނާ، ކަންކަން މޮޅަށް ކުރާނޭ މީހުނާ، ކަންކަން މޮޅަށް ހިންގާނޭ މީހުން ނެތީއެވެ. ( މިތާގައި 'މޮޅު' މިމާނަ ކުރެވެނީ އިހްލާސްތެރި، އިލްމީ ،ފަންނުވެރި މީހުންނަށެވެ.) މީހުންވެސްމަދީކީ ނޫނެވެ. ކަމަށް ކުފޫ ހަމަވާ މީހުން މަދީއެވެ.
2022 ގެ ބޯހިމެނުގެ ތަފާސް ހިސާބުތަކަށް ބަލައިލައިފިނަމަ ފެންނަން އޮތްހަގީގަތަކީ، ކުރުކޮށް ބުނަނީނަމަ، ދިވެހިރާއްޖޭގައި ވަޒީފާގައި އުޅޭ މީހުންގެ އަދަދުގެ 51 % މީހުން ވަޒީފާ އަށް ކުފޫ ހަމައެއްނުވެއެވެ. ކޮންމެ ސަތޭކަ މީހަކުން 34 މީހުންނަކީ އަދާ ކުރާވަޒީފާއަށް ބޭނުން ވާ އަސާސީ ހުނަރު ނެތް މީހުނެވެ. އަދި ކޮން 100 އަކުން 17 މީހުންނަކީ ލިބިފައި ހުރި ހުނަރާ އިލްމަށް ވުރެ ދަށް ވަޒީފާ ތަކުގައި އުޅޭ މީހުންނެވެ. މާނަ އަކީ ވަޡިފާގައި އުޅޭ، 17% މީހުންގެ ފުރިހަމަ ބޭނުން އަހަރެމެނަކަށް ނުހިފެއެވެ. މީގައި އެންމެ ކަންބޮޑުވާން ޖެހޭ އަނެއްކަމަކީ، މި ބުނެވުނު ކުފޫ ހަމަނުޥާ މީހުންގެ ތެރެއިން 9،860 މީހުންނަކީ ތަޖުރިބާ ކާރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނެވެ. އާނއެކެވެ. ކަންކަމުގެ ތަޖުރިބާ ކާރުންގޮތުގައި އުޅޭ 9،860 މީހުން ނަކީ ހަގީ ގަތުގައި އެކަންކަމަށް ބޭނުންވާ އަސާސީ އިލްމާއި ހުނަރު ނެތް މީހުންނެވެ. މިވަރަކުން މިވާޙަކައެއް ކުރެއް ނުވެއެވެ. މޭނޭޖަރުންގެ ގޮތުގައި އުޅޭ 9،759 މީހުންނަކީވެސް ކުފޫ ހަމަނުވާ މީހުންނެވެ. މި ބުނެވެނީ ކަންކަން ބަލާ ހިންގަން ތިބި މީހުންގެ ތެރެއިން 9،759 މީހުންނަކީ ކަންކަން ބަލާ ހިންގަން ކުފޫ ހަމަވަވާ ބައެއް ނޫނެވެ. މަސައްކަތް ތެރިންގެ ތެރެއިން19،957 މީހުންނަކީ ވެސް ކުފޫ ހަމަނުވާ މީހުންނެވެ.
މިހާރު ދެން މިކިޔަން އުޅޭ އެއްޗެއް ވަރަށް ސާފުވާނެ އެވެ. ގައުމު މިއޮތީ ގުރުޑުވެފައެވެ. މިހެން ބުނަންވެސް ވަރަށް އުނދަގުލެވެ. ހިތައް ދައްޗެވެ. އަކަމުހަގީ ގަތަކީ އެއީ އެވެ... މާޔޫސް ނުވާށެވެ. ހައްލުވެސް އެބައޮތެވެ. މިވާހަކަ މިހާ ދިލަ އަރާ ގޮތަކަށް މިދެއްކީވެސް އެހެންވެގެންނެވެ. ކެރިގެން ހިތްވަރެއް ކޮށްލައިފިނަމަ، ކުރިއަށްއޮތް، ދިހައެއް - ބާރަވަރަކަށް އަހަރުތެރޭ މީތި އަނބުރާލަ ލެވިދާނެއެވެ. އިހްލާސްތެރިކަމަކާ ތެދުވެރި އަޒުމެއް ހުރިއްޔާ ދިވެހިންނަށް ނުވާނޭ އެއްކަމެއްވެސް ނޯންނާނެއެވެ. ސުވާލަކީ އިސްލާހުކުރަން ފަށަން ވީ ކޮންތާކުން ހެއްޔެވެ؟
ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނަން އެބަޖެހޭ
ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ލިބެން ހުރި އެންމެ ފަހުގެ އޯލެވެލް އަދި އޭލެވެލްގެ ނަތީޖާ އަދަދުތަކަށް ބަލައިލައިފިނަމަ ، މި ދިމާވެގެން އުޅޭ މައްސަލަ ވަރަށް ރަނގަޅަށް ކުލަވެއެވެ. 2019 ވަނަ އަހަރު އޯލެވެލްގެ ހިސާބުން ފާސްވި އަދަދަކީ 54.9 % އެވެ. 4120 ކުދިންގެ ތެރޭން ހިސާބުން 'c' ގުރޭޑަށް ވުރެ މަތިން ލިބުނީ 2262 ކުދިންނަށެވެ. ކުއްޖާގެ ނާގިދު ފިކުރު ތަރައްގީ ކުރަން ބޭނުންވާ ހިސާބުގެ އިލްމުން މިހާ ދައްކޮށް ލިބުމުން، ދޭހަވަނީ ކަންކަމާ މެދު ފުންކޮށް ފިކުރު ހިންގުމާ، ކަންކަމަށް އުފެއްދުންތެރި ހައްލު ހޯދުމުގެ ފެންވަރު ކުދިންގެދައްކަމެވެ. ނުވަތަ ދައްވާނެ ކަމަށް ބެލެން އެބައޮތެވެ. ހަމަ އެހަރުގެ އޭލެވެލް ގެ ނަތީޖާ ތަކަށް ވިސްނާލީމަ، މިކަން އިތުރަށް ދޭހަވެއެވެ. ހިސާބު އިލްމުން ފާސްވި ކުދިންގެ އަދަދު އަކީ 27% އެވެ.
ވިސްނާލާށެވެ.
އަދުގެ މިޒަމާނަކީ މިދުނިޔެމަތީގައި މީގެ ކުރިން، އެނގެންއޮތް، އެއްވެސް ޒަމާނެއްގައި އުފެއްދުންތެރިކަން ކުރިއަރިގެން ނުދާހާ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ޒަމާނެކެވެ. އެކާވީސްވަނަ ގަރުނުގެ މި ޓެކްނޮލޮޖީ މިދަނީ،ކޮންމެ ދުވަހަަކުވެސް، ފަތު އަޑުކިޔާފައި އެތަކެއް އީޖާދުތަކަކަށާއި ފަނާކުރުންތަކަކަށް މުޅި ދުނިޔެ ހުށަހަޅަމުންނެވެ. އެއްގޮތަކުން ބުނަނީނަމަ އަޑުގަދަ މީހާގެ 'followers' ގިނަ ޒަމާނެކެވެ. ހެވާއި ނުބައި ވަކި ކުރަން ތިމާގެ އަމިއްލަ ސިކުންޑިން ކޮންމެ ކަމަކާ މެދުވެސް ވަރަށް ވެސް ފުންކޮށް ވިސްނަށް ޖެހިފައިވާ ޒަމާނެކެވެ. ހިތާމައަކީ މިފަދަ ޒަމާނަކަށް އަހަރެމެން ދިވެހިން ތައްޔާރެއް ނޫނެވެ. މީހުންބިނާކުރުމުގެ ސިޔާސަތުތަކާ، އަންނަން އޮތް ޖީލުތަކުގެ ތައުލީމު ކުރިއަރުވަން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ވަނީ ވަރަށް ބޮޑަށް އިހުމާލު ވެވިފައެވެ.
އުނގަންނައި ދިނުމުގައި މިހާރު ގެންގުޅޭ އުކުޅުތައް ވަރަށްވެސް ބޮޑަށް ބަދަލުކުރަން އެބަ ޖެހެއެވެ. ދޭހަވުމާއި، ފަރިތަކުރުމާއި، ދަސްކުރުމާއި އުނގެނުމަށް އަދި އުނގަންނައި ދިނުމަށް އެކި ކުދިންނަށް ބޭނުންވާނީ އެކި ތަފާތު ގޮތްތަކާ ވަސީލަތްތައް ކަމަށް ދެނެގަނެ، ކުދިންގެ ޝައުގުވެރިކަން ހިފެހެއްޓޭނޭފަދަ ގޮތްތަކަކަށް ކިޔަވާ ދިނުމުގެ ފަލްސަފާއަށް ވަރަށްވެސް އަވަސް ބަދަލު ތަކެއް އަންނަން އެބަޖެހެއެވެ. 'AI' އާއި 'automation' ގެ މި ޒަމާނުގައި، އުނގެނުމުގެ މަރުހަލާ ނިންމާ ކުދިންނަށް އެންމެ ބޮޑަށް ދަސްވެނިވެފައި ހުންނަންވީ ހުނަރާއި އިލްމަކީ، ވަކިވަކި މައުޟޫޢަކާ މެދު ތަރުތީބުގެ މަގުން ގާބިލްކަމާއި ފުންކޮށް ވިސްނުމުގެހުނަރާއި އިލްމެވެ. މަދަރުސާތަކުގައި މިފަދަ ހުނަރުތަކާއި އިލްމު ތަރައްގީ ކުރަން ބޭނުންވާ މާއްދާތަކާ އުކުޅުތައް އިތުކުރަން އެބަޖެހެއެވެ. ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި ތަމްރީނު ދިނުމުގެ ފުރުސަތުތައް ބޯކޮށް ހުޅުވެންއެބަޖެހެއެވެ. 'STEAM' ގެ ބައިތައް އެކުލެވިގެންވާ ގޮތްގޮތަށް މަންހަޖު ބައްޓަން ކުރެވެން އެބަޖެހެއެވެ. މިނޫން ގޮތަކަށް މިކަމަކުން އަރައި ގަތުމަކީ ލާހިކު ކަމަކަށް ވާތަނެއް މަށަކަށް ނުފެނެއެވެ.
ކިއްސަރުވަޑާމާއި، ތެދުވިދިވަޑާން، ލިޔެލާޖެހުމާއި އަތްތެރި މަސައްކަތްތައް، ފެހުމާއި މާޖެހުން ފަދަ ހުނަރުތައް، އޭގެ އަސްލު ގޮތުގައި ދައް ގުރޭޑުތަކުގެ މަންހަޖުގެ ތެރެއަށާއި އުނގަންނައި ދިނުމުގެ އުކުޅުތަކުގެ ތެރެއަށް ވިޔެ ހަރުކޮށް ގަތާލަން އެބަ ޖެހެއެވެ. އަދި މި ބީދައިން، ފަލަކީ އިލްމާއި، އިޖްތިމާއި އިގްތިސާދުގެ އިލްމާއި، އިންސާނީ ވަންތަކަމުގެ އިލްމާއި، ސައިންސުގެ އެކި ދިރާސާތަކާއި ދިވެހިންގެ މާހައުލުން އުފެއްދެން ހުރި އިޔާދަކުރުވެނިވި އުފެއްދުންތައް ބަލާ ހޯދާ ދިރާސާ ކުރުމުގެ ފުރުސަތުތަކާއި ހުނަރުތައް މަތީ ގުރޭޑުތަކަށް ތައާރަފު ކޮށްދޭން އެބަޖެހެއެވެ. އެކާވީސްވަނަ ގަރުނުގެ އުނގެނުމާއި އުނގަންނައިދިނުމުގެ އުކުޅުތަކަށް އަހަރެމެން އަހުލުވެރި ނުވެވިއްޖެނަމަ، މިޒަމާން ދިވެހިން ކަށަވަރުކުރުމަކީ ވަރަށްވެސް ދަތި އުނދަގޫ ކަމެއްކަން ޔަގީނެވެ. އަދި ދިވެހިންގެ އަސްލާ ނަސްލު ގެއްލުމަކީ މާކަށްދުރުގައި އޮތްކަމެއް ނޫނެވެ.
ގާބިލު ދަރިން
ރަނގަޅު ލަފާ ވާހަކައެވެ. ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރަން އޮތީ އިގްތިސާދީ ސިނާއަތްތައް ފުޅާކުރެވިގެންނެވެ. ހިންގުމުގެ ހަރަދުތައް ކުޑަ ކުރެވިގެންނެވެ. ފުދުންތެރި ދިރިއުޅުމެއް އުޅެން ދަސް ވެގެންނެވެ. މަޝްވަރާގެ ރިވެތި އުސޫލުން އެންމެން ޝާމިލުވާ ބަހުސްތަކެއް ކުރެވިގެންނެވެ. އެކަމް މިކަންކަންވާނީ، ކަންކަން ކުރަން ގާބިލު ދަރިންތަކެއް އުފެއްދިގެންނެވެ.
އިގްތިސާދުގެ ސިނާއަތްތައް ފުޅާކުރަން ބޭނުންވާ ދިރާސާތައް ނުފޫޒުން އެއްކިބާވެފައިވާ އަމިއްލަ ފިކުރަކުން ދިރާސާކުރަން އެނގޭ ދަރިންތަކެއް ބާރުވެރި ކުރެވިގެންނެވެ.
ފުދުންތެރި ހަޔާތަކަށް ބޭނުންވާނެ މެދުމިންވަރަކީ ކޮބައިކަން ޝައްކަކާނުލާ އަމިއްލަ ނަފްސައް ޔަގީންކަން ދެވޭވަރުގެ ހިކުމަތްތެރި ދަރިންތަކެއް އުފެއްދިގެންނެވެ.
އިގްތިސާދީ މުއާމަލާތްތަކުގަ، ލިބެންހުރި ވަސީލަތްތަކާއި އަދި ފައިސާގެ ދައުރާ އޮތް ގުޅުމަށް ލޯހުޅުވިފައި ތިބި ދަރިންތަކެއް އުފެއްދިގެންނެވެ.
ބޮޑާކަމާއި ކިބުރުވެރިކަމުން އެއްކިބާވެ، އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި ކެއްތެރިކަމުގެ ފަށުވި ފޭރާމުން ތިމާގެ ތަބިއްޔަތް ޖަރީކުރެވިގެން ވާ ދަރިންތަކެއް އުފެއްދިގެންނެވެ.
އާނއެކެވެ. ބުނެލަންފަސޭހައެވެ. އެކަމު މިޒަމާނުގަ ކުރަންވެސް ފަސޭހައެވެ. ކަމާ އުޅުނީމަ ވާނެއެވެ. ބުނަން ހެއްޔެވެ. އުނދަގުލަކަސް ތުރާލަކަސް، ދިވެހިރާއްޖެ އަދު މިއޮތް ހާލަތުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު މިޒަމާނަށް ފެތޭ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތައް ވުރ މުހިންމު މަސައްކަތެއް ނެތެވެ.





Comments